މާލެ ސިޓީގައި ހިލޭ ބަހާ ކާޑު ބެހޭ ގޮތްވާނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ޢާޒިމް ވިދާޅުވީ ހިލޭ ބެހުމަށް ހަމަޖެހިފައިވާ ކާޑު އަދި ނުލިބޭ ކަމަށެވެ. އަދި ކާޑު ބެހުމަށް ނިންމައިފައިވަނީ މާލޭގައި ސްޓޭޝަންތަކެއް ގާއިމުކޮށްގެން ކަމަށާއި ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް، ކޮންމެ ވައްތަރަކުން 10 ކިލޯގެ ކާޑު ބެހުމަށް ނިންމާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ، ކާޑު ބަލައި ދާ ކޮންމެ މީހަކު ވެސް އެމީހެއްގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށާއި، ކާޑު ދޫކުރުމުގައި ބަލާނީ ކޮންމެ ގޭބިސީއެއްގެ ވެސް ކަރަންޓު މީޓަރު ނަންބަރަށް ކަމަށެވެ.
މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ރޯދަމަހު 10 ކިލޯގެ ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށް މިއަހަރު ސަރުކާރުން ނިންމާފައިވީ ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.






