Close

ކުޑަހުވަދޫގަައި ހައުސިންގ ޔުނިޓްތައް އިތުރުކޮށްދިނުމަށް ކުޑަހުވަދޫ ކައުންސިލުން އެދިއްޖެ!

ދ.ކުޑަހުވަދޫގައި ހައުސިންގ ޔުނިޓްތައް އިތުރުކޮށްދިނުމަށް އެރަށުގެ ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިއްޖެއެވެ.

ރައީސް މުޢިއްޒުގެ އަރިހުން ކުޑަހުވަދޫ ކައުންސިލުން އެދިފައިވަނީ އެމަނުކުފާނުގެ ދ އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގައި ކުޑަހުވަދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކުޑަހުވަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކުޑަހުވަދޫގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި، ރައްޔިތުން ބަނދަރު މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާގޮތްތައް ތަފުޞީލީ ގޮތެއްގައި ރައީސް ޑރ މުޢިއްޒާއި ހިއްޞާކުރެއްވިއެވެ.

އަދި ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ، ކަރަންޓުފަދަ އަސާސީ ޚިދުމަތްތައް އަވަސް މުސްތަޤްބަލެއްގައި ލިބޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ރަށުގައި ހައުސިންގ ޔުނިޓްތައް އިތުރުކޮށްދެއްވުމަށާއި، ވީހާވެސް އަވަހަކަށް މަސް ފެކްޓްރީއެއް ޤާއިމުކޮށްދެއްވުމަށާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، އަދި ރަށުން ލިބޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކުޑަހުވަދޫއިން ކުރިން ދެމުންދިޔަ އައި.ޑީ ކާޑު ޚިދުމަތް އަލުން ރަށުން ލިބޭނެ ގޮތް ހައްދަވާދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން އަދި ސަރުކާރު މުވައްސަސާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top