Close

މާއެނބޫދޫގެ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަން ކަމަށް އެރަށު ކައުންސިލުން ބުނެފި!

ދ.މާއެނބޫދޫ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަން ކަމަށް އެރަށުގެ ކައުންސިލުން ރައީސް ޑރ މުޢިއްޒުގެ އަރިހުގައި ދަންނަވައިފިއެވެ.

ދ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ދ.މާއެނބޫދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަމާއި، ކުނި މެނޭޖުކުރާނެ ރަނގަޅު އިންތިޒާމެއް ހަމަޖެހުން ކަމުގައެވެ.

އަދި ރަށުގައި ޕިކްނިކް ގޮސް، މޫދަށް އެރެވޭނެ ސަރަހައްދެއް ކަނޑައަޅައިދެއްވުމަށާއި، ސްޕޯޓް ކޮމްޕްލެކްސްގެ ކަންކަން އަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ހަމަ އެއާއެކު ރަށުގައި މިހާރު ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް ކައުންސިލުން ރައީސް މުޢިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

އެބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މާއެނބޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް މުސާރައެއް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top