ދ ހުޅުދެލީ ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެރަށުގެ ބިން ބޮޑުކޮށްދިނުމަށް އެދިއްޖެއެވެ.
ރައީސް ދ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދ.މީދުއަށް ކުރެއްވި ޒިޔާރަތުގައި ދ.ހުޅުދެލީ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ވަނީ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންނަށް އެންމެ ބޭނުންވާނެކަމަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިން ބޮޑުކުރުމާއި، އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.
އަދި ކައުންސިލް އިދާރާއަށް އާ އިމާރާތެއް ބޭނުންވާކަމަށާއި، ދ. މާދެލީގައި މަސް ފެކްޓްރީއެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައިދިނުމަށް ހުޅުދެލީ ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ހަމަ އެއާއެކު، ރަށުން އޭ.ޓީ.އެމްގެ ޚިދުމަތް ލިބުމަށް އެދޭކަމަށާއި، ރަށް ކައިރި ކަނދުފައްޗެއް އަޅައިދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ކައުންސިލުންވަނީ ރަށުގެ އެކި އިދާރާތަކަށް ބޭނުންވާ ކަންކަން ވަކިވަކީން ތަފުޞީލުކޮށް ރައީސް ޑރ މުޢިއްޒާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ރަނގަޅަށް ބައްލަވާނެކަމުގައި ވިދާޅުވިއެވެ.
އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން، މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.






