ދ ރިނބިދޫއަށް އައު މިސްކިތެއް ބޭނުންވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ރައީސް ޑރ މުޢިއްޒު ދ.އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގައި އެއަތޮޅުގެ ދ.މީދޫ ކައުންސިލް އިދާރާގައި ރައީސް ޑރ މުޢިއްޒު ވަނީ ދ.ރިނބިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ވަނީ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރިނބިދޫގެ ބޯހިޔާވަހިކަން ފަހިކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންނަށް ލެބޯޓްރީގެ ޚިދުމަތް ބޭނުންވާކަން ވަނީ ފާހަގަ ކުރައްވައިފައެވެ.
އަދި ސުކޫލުގެ ޖާގައިގެ ދަތިކަމާއި، ރަށަށް އައު މިސްކިތެއް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހުރިކަމުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ރިނބިދޫގެ ކަރަންޓުގެ ޙިދުމަތުގައި ހުރި ގޮންޖެހުންތައް ވެސް ރިނބިދޫ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާތަކުގެ އައު އިމާރާތްތައް ހެދުމުގައި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ކައުންސިލާއި ހިއްސާކުރެއްވިއެވެ.
އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.






