ދ.މީދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ދ.މީދޫ ކައުންސިލުން ބުނެފިއެވެ.
ދ.މީދޫ ކައުންސިލުން މިހެން ބުނެފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒި ދ.އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގައި ދ.މީދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
މީދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމުގައި ވަނީ ބުނެފައެވެ.
ހަމަ އެއާއެކު، ރަށުގެ ބިން ހިއްކި ސަރަހައްދުގައި ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެއްވުމަށާއި، ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށާއި، ރަށުގެ މަގުތައް ހަދައިދެއްވައި އަދި އެ މަޝްރޫޢާއެކު މަގުތަކުގައި ހެދޭ ފެން ހިންދާނެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
އަދި ޒަމާނީ ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށަށް ކުރިމަތިވަމުންދާ އިޖުތިމާޢީ މައްސަލަތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ރަށުގައި މޫދަށް އެރިލާނެ ސަރަހައްދެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.






