ދ.ބަނޑިދުއަށް އައިސް ޕްލާންޓެއް ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިއްޖެއެވެ.
ދ.އަތޮޅަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުރެއްވެވި ދަތުރުފުޅުގައި ދ.ބަނޑިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ވަނީ ބައްދަލުކުރައްވައިފައެެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، އައިސް ޕްލާންޓެއްގެ ޚިދުމަތް ރައްޔިތުން ބޭނުންވާކަމަށާއި، ބަނޑިދޫގައި މަލްޓިޕާޕަސް ހޯލެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ އާ އިމާރާތެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ.
އަދި އިންޖީނުގެ މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް ބޭނުންވާކަމަށާއި، ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަމުން ބަނޑިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ ރަށުގައި ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އަދި ކަނބަލުންނަށް ކުޅިވަރުގެ ދާއިރާއިން ކަންކަން ފަހިކޮށްދެއްވުމަށް އެ ކޮމިޓީން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ވަކިވަކީން އަލިއަޅުވާލައްވައި އެކަންކަމަށް ހުރި ހައްލުތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.






