މަސްވެރިންނަށް ދޭން ޖެހި ނުދެވި ހުރި ފައިސާ ރޯދަކުރިން ދީ ނިންމާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މިއަދު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ އެ ވުޒާރާ އާއި ފިނޭންސް މިނިސްޓްރީ އާއި މިފްކޯ ގުޅިގެން މިހާރު އޮތް ބެކް ލޮގް ހަލާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޑިސްޕާސްމަންޓްގައި ކުޑަ ލަސްކަމެއް އުޅޭ ކަމަށާއި، ނަމަވެސް ރޯދައިގެ ކުރިން ފައިސާދީ ނިންމާލެވޭނެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ޝިޔާމް ވިދާޅުވީ، މިމަހުގެ 5 ވަނަދުވަހުވެސް މަސްވެރިންނަށް ދޫކުރުމަށް 50 މިލިއަން ހަމަޖައްސާ، އެ ފައިސާ ދޫކުރަމުން އަންނަކަމަށާއި އެ ފައިސާއަކީ މިދިޔަ ޖެނުއަރީ މަހުގެ 26 ގެ ނިޔަލަށް ކިރާފައިވާ މަހަށް ދޭންޖެހޭ ފައިސާކަމަށެވެ.
އަދިވެސް މަސްވެރިންނަށް ދޫނުކުރެވި 147 މިލިއަން ރުފިޔާ ހުރިކަމަށާއި، މިބެކްލޮގް އެއްކޮށް ކްލިއާ ކުރެވުމުން މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަން ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ.މުއިއްޒު ރ.ދުވާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެސް ވަނީ މަސްވެރިންނަށް ސަރުކާރުން ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ބާކީ ނުދެވި ހުރި ފައިސާ، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ދިނުމަށް މަސައްކަތްޕުޅު ކުރައްވަމުން އަންނަކަމަށެވެ.






