ރަމަޟާން މަހާއި މުސްލިމުން ބައްދަލު ކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާއި އެކުގައި ކަަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ދީފައިވަނީ “ރަމަޟާން މަހަށް އިސްތިޤްބާލް ކުރުން” މިމަޢުޟޫއަށެވެ.
“މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާ އެކުގައި، އެއީ ކިޔަމަންތެރިވުމުގެ މޫސުންކަމުގައި ވާތީ، އެއީ ހެޔޮކަންތައް ކުރުމުގައި ވާދަކުރަން ޖެހޭ ވަގުތަކަށް ވާތީ، އެއީ ﷲ ގެ ނަފަޙާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިނު އަޅުންގެ މައްޗަށް އޮއްސަވާ މައްސަރެއް ކަމުގައި ވާތީ” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
ރަމަޟާން މަހަކީ ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއް ކަމަށާއި އެހެންކަމުން އެއީ ވަރަށް އަވަހަށް ވަކިވެގެން ހިނގައިދާނެ މަދު ދުވަސްކޮޅެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން ރޯދަހިފުން ބުރަކަމަކަށް ނުހެދުމަށާއި ރޯދަމަހުގެ ޙުރުމަތް ނުކަނޑުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސް ކޮށްފައިވެއެވެ. ރޯދަހިފުމުން ލިބޭ ޘަވާބުގެ މަތިން ހަނދުމަކޮށް ރޯދަ ހިފުމަށާއި، ރޯދައަށް ފަރުވާކުޑަ ކުރާ މީހާއަށް އެކަމުގެ ދެރައާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެކަމަށާއި، އެ ދުވަހުން އޭނާއަށް އެހީވާނެ އެއްވެސް ފަރާތެއް ނުލިބޭނެކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.
“ރަމަޟާން މަހުގެ ރޯދައަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން، ރަމަޟާން މަހުގައި ރޯދަ ހިފުމުން ތިޔަބައިމީހުންނަށް ﷲ ދެއްވާ ދަރުމައިގެ ބޮޑުކަން ތަޞައްވުރު ކޮށްލާށެ،رَسُولُ الله ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވޭ (مَنْ صَامَ رَمَضَانَ إِيْـمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައީ: " މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ޘަވާބު އަދައިގެން ރަމަޟާން މަހު ރޯދަހިފި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނެ” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
ޙުތުބާގައި ގޮވާލީ ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލު ކުރުމަށެވެ. އަދި ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރުމަށާއި، ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަތުމަށް ވެސް ޙުތުބާގައި ބުނެފައިވެއެވެ.
“ތަރާވީޙު ނަމާދާއި، އިޢުތިކާފަށްއިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ޞަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވާށެ” ޙުތުބާގައި ގޮވައިލައިފައިވެއެވެ.
މިއަދުގެ ޚުތުބާގައި ވަނީ ރޯދަމަހަށް ނަފްސު ތައްޔާރު ކުރުމާއި ގުޅެ ގޮތުން މުހިންމު މަޢުލޫމާތު ތަކެއް ފޯރުކޮށްދީފައެވެ.






