Close

ރަމަޟާން މަހުގެ ރޭތައް ބޭކާރުކޮށް ނަގައިނުލާ: ހުކުރު ޚުތުބާ

ރަމަޟާން މަހުގެ ރޭތައް ބޭކާރުކޮށްލައި ނަގައި ނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވައިލައިފިއެވެ.

ޙުތުބާގައި ބުނެފައިވަނީ ރަމަޟާންމަހަކީ އެކަލާނގެ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށެވެ.

"އެމަހުގެ ފުރަތަމަރޭ އެކަލާނގެ، އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެއެވެ. އެކަލާނގެ ބައްލަވައިވޮޑިގެންނެވި އަޅަކު ދުވަހަކުވެސް ނަރަކައަކަށް ނުވައްދަވާނެ” ހުކުުރު ޙުތުބާގައި ބުނެފައިވެއެވެ.

ރަމަޟާންމަހުގެ ރޭތައް ރަނގަޅު ގޮތުގައި އިޙްޔާކޮށް ދިރުވުމުގެ މުހިއްމުކަން ބަޔާން ކޮށްދެއްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ޙަދީޘެއް ޚުތުބާގައި ބަޔާންކޮށްދީ ޙުތުބާގައި ބުނެފައިވަނީ މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ޘަވާބު އަދައިގެން

ރަމަޟާންމަހު ރޭއަޅުކަންކޮށްފި މީހާގެ އިސްވެދިޔަހައި ފާފަތައް ފުއްސަވައި ދެއްވާނެ ކަމަށެވެ.

“އެހެންކަމުން ރަމަޟާންމަހުގެ ރޭތައް ބޭކާރު ގޮތުގައި ނަގައިނުލުމަށް ވަޞިއްޔަތް ކުރަން” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ކީރިތިރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް އިޤްތިދާވާ މީހުންނަކީ ރަމަޟާންމަހު ދުވާލު ރޯދަހިފާ، ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރާ މީހުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަމަޟާން މަހު، އަޅުކަމުގައި އެހެން މައްސަރުތަކަށް ވުރެބޮޑަށް ހީވާގިވެވަޑައިގެންނެވި ކަމަށާއި ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގައި ކަމަށާއި، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ވެސް އަވަހާރަފުޅުން ނަންގަވައި އެރޭތައް އިޙްޔާކުރެއްވުމުގައި ބައިވެރި ކުރައްވާ ކަމަށް ހުކުުރު ޚުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން ރޯދަ ހިފުގައި ހިފަންވީ ސުންނަތް ތަކަށް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވައިލައިފައިވެއެވެ.

އެގޮތުން އިރު އޮއްސުމުން ރޯދަ ވީއްލުން އަވަސްކުރުމަށް، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވައި ފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ، އަދި ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ކަދުރުން ރޯދަވީއްލުން ވާކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.

“ނަމަވެސް އަހަރެމެންގެ ސުފުރާ މަތީގައި ކަދުރު ހުންނައިރު ވެސް އެހެން އެއްޗަކުން ރޯދަވީއްލާ ތަން މަދުން ނަމަވެސް ފެނޭ، މާތް ﷲ ރުއްސުން ލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. "رَسُوْلُ اللهِ ޞައްލައްﷲ ޢަލައިހި ވަސައްލަމް ނަމާދުފުޅު ކުރެއްވުމުގެ ކުރިން ރޯދަފުޅު ވީއްލަވާ، އެކަލޭގެފާނު ރޯދަފުޅު ވީއްލަވަނީ ކަދުރުން، ކަދުރުކޮޅެއް ލިބިވަޑައިނުގެންފިނަމަ ފެންފޮދަކުން” ޚުތުބާގައި ބުނެފައިވެއެވެ.

ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ހާރުކެއުން ހިމެނޭ ކަމަށާއި، ބައެއްމީހުން ރަނގަޅު ކަމެއްކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބޭކަމަށާއި އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި ޚިލާފްކަމެއް ކަމަށެވެ.

އަދި އަހްލުކިތާބީންނާއި މުސްލިމުންގެ ރޯދަ ހިފުމުގައި ވާ ތަފާތަކީވެސް ހާރުކެއުން ކަމުގައި މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. މީގެއިތުރުން ހާރުކެއުން ވީހާ ފަސްކުރުމަކީވެސް ސުންނަތެއް ކަަމަށް ޚުތުބަގައި ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top