ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި ދާއިމީ މިސްކިތް “މަސްޖިދް ހަސަން އާދަމް” މިއަދު ހުޅުވައިފިއެވެ.
މިއަދުގެ ހުކުރު ނަމާދަށް މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިސްކިތް ހުޅުވުމަށްފަހު ވަޒީރު ޑރ ޝަހީމް ވަނީ މިމިސްކިތުގައި ހުކުރު ނަމާދުކުރައްވައިފައެވެ.
މި މިސްކިތް ހުޅުވާދެއްވާ ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ރަމަޟާންމަހާ ދިމާކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތެއް ހުޅުވުމަކީ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ކުރިއަށް އޮތް ރަމަޟާން މަހު ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.
އަދި މިސްކިތްތައް ބެލެހެއްޓުމަށާއި މިސްކިތްތަކަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެން މަސައްކަތްކުރަންވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ މި މިސްކިތަކީ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. އަމިއްލަ ފަރާތަކުން ތަރައްޤީކުރި މި މިސްކިތަކީ މިހާރު ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރަމުންދާ 5 މިސްކިތުގެ ތެރެއިން މިސްކިތެކެވެ. މި މިސްކިތަކީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.
މިމިސްކިތުގެ އިތުރުން ފޭސް 2 ގައި ހަތަރު މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.






