ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ރަނގަޅީ މިސްކިތުގެ އެތެރެއަށް އަޑުހުންނަ ގޮތް ހެދުން ކަމަށް އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް ޓްވިޓާގައި ކުރެއްވެވި ޓްވީޓަކަަށް ޖަވާބު ދެއްވަމުންނެވެ.
އިބްރާހިމް އިސްމާއިލް ކުރެއްވެވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެގޭދޮށުގެ ގޭގޭގެ މީހުނަށް ޢިޝާނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީޙް ނަމާދުކޮށް ނިމުނީމައި ކަމަށާއި މިއީ ކޮންމެ ރޯދަމަހެއްގެވެސް ޙާލުކަމަށެވެ.
އިބްރާހިމް އިސްމާއިލްގެ މި ޓްވީޓަށް ޖަވާބުދެއްވަމުން އިސްލާމީ ވުޒާރާގެ ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވަނީ ގޭބިސީތަކުގެ ބުޑުގަ ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، ރަނގަޅީ މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތައް ކުރުން ކަމަށެވެ. އަދި ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅު ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.






