މަސްތުވާ ތަކެތީގެ މައްސަލައެއްގައި ލ.ފޮނަދޫ އިން މީހަކު ހައްަޔަރުކޮށްފިއެވެ.
ފުލުހުން މިކަމާއި ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާމެންދޫ އާއި ފޮނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށް މަސްތުވާތަކެތި ހޯދައިފައިވާ ކަމަށެވެ.
އެގޮތުން، މި މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ފޮނަދޫއަށް ނިސްބަތްވާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް ފެނުމާ ގުޅިގެންކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން މާމެންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން، މިދިޔަ އަންގާރަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރުމަގުގައި ހުރި ރުކެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.






