Close

ރޯދައިގެ އެއް ޙިކްމަތަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކޮށްލުން: ހުކުރު ޚުތުބާ

ރޯދައިގެ އެއްޙިކްމަތަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކޮށްލުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ރޯދައިގެ ޙިކްމަތް” މިމައުޟޫއަށް ދިން ޚުތުބާގައި ބުނީ ރޯދައިގެ އެއް ޙިކްމަތަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކޮށްލުން ކަމަށެވެ. އަދި ނަތީޖާއެއްގެގޮތުން ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭ ކަމަށާއި، ހެޔޮޢަމަލުތަކުގައި، މީހާ މަޝްޣޫލުކުރުވާ ކަމަށެވެ. އަދި ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވާ ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.

ރޯދައިގެ ޙިކްމަތް ތަކަށް އަލި އަޅުވައިލަމުން ޚުތުބާގައި ބުނީ ﷲ ޝަރުޢުކުރައްވާފައިވާ ބައެއް އަޅުކަންތަކުގެ ޙިކުމަތް ޞަރީޙަކޮށް ބަޔާންކުރައްވާފައިވާއިރު، އަނެއްބައި އަޅުކަންތަކުގެ ޙިކުމަތް ބަޔާންނުކުރައްވައި، ދޫކޮށްލައްވާފައި ވާކަމަށެވެ. ނަމަވެސް ﷲ تَعَالَى އެއްވެސް އަޅުކަމެއް، ބޮޑުވެގެންވާ ޙިކުމަތަކަށްޓަކައި މެނުވީ، ޝަރުޢުކުރައްވާފައެއް ނުވާ ކަމަށާއި، އެކަލާނގެ ރޯދަ ފަރުޟުކުރެއްވި ޙިކުމަތް ޞަރީޙަކޮށް ބަޔާން ކުރައްވާފައި ވާކަމަށެވެ.

އެގޮތުން ރޯދަ ފަރުޟު ކުރައްވާފައިވަނީ، تَقْوَى ވެރިކަން ޙާޞިލު ކުރުމަށްޓަކައިކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިއާއި އެކު ތަޤްވާ ވެރިކަމަކީ ކޮބައިކަން ސިފަކޮށްދެއްވައި، عَلِيُّ بْنُ أَبِيْ طَالِبٍ رَضِيَ ﷲ عَنْهُ ވިދާޅުވެފައި ވާކަމަށް ޙުތުބާގައި ބުނީ އެއީ މަތިވެރިވަންތަ ﷲ އަށް ބިރުވެތިވުމާއި، ﷲ ބާވައިލެއްވި ތަކެއްޗަށް ޢަމަލުކުރުމާއި، އެކަލާނގެ ދެއްވި މަދު މިންވަރަށް ރުހުމާއި، މަރަށް ތައްޔާރުވެ ހުރުން ކަމަށެވެ.

“ޝައްކެއް ނެތް، ރޯދައަކީ ﷲ تَعَالَى ގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެބޮޑަށް އެހީވެދޭ އެއް އަޅުކަން” ޙުތުބާގައި ބުނެފައިވެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައި ވާ ކަމަށާއި މި ހުރިހާ ކަންކަމަކީ ވެސް، تَقْوَى ވެރިކަން ޙާޞިލުކޮށްދޭ ކަންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ، އަޅާރޯދައަށް ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވޭ، ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުން” ޙުތުބާގައި ބުނެފައިވެއެވެ.

ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނަ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ޙަރާމް ކަންތައްތަކާ ދުރުހެލިކުރުވުން ހިމެނޭ ކަމަށާއި، ﷲ تَعَالَى ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބިގެން ދާކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފައިވެއެވެ.

“އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެއް، ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭ” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ރޯދައިގެން ޚިކްމަތާއި ގުޅޭ އެތައް ކަމެއް މިއަދުގެ ހުކުރު ޚުތުބާގައި ބަޔާން ކޮށްދީފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top