ސިވިލް ސާވިސް މުވައްޒިފުންގެ ތެރެއިން ޚާއްސަ ޑިޔުޓީތައް އަދާކުރާ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލުގެނެސްފިއެވެ.
މިކަމާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ބުނީ، ސްޕެޝަލް އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރު ގަޑީގެ އިނާޔަތް މީގެ ކުރިން ދެމުން ދިޔައީ، މަހެއްގެ މައްޗަށް 44 ގަޑިއިރަށް ވުރެ އިތުރު ގަޑީގައި މަސައްކަތް ކުރުމުން ކަމަށެވެ.
ނަމަވެސް، އަލަށް ގެނައި ބަދަލާއި އެކު ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް ރަސްމީގަޑި ހަމަވުމުން އިތުރު ގަޑީގައި ކުރާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ އިނާޔަތް ލިބޭނެ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ގެނެވުނު ބަދަލަކީ ސްޕެޝަލް ޑިއުޓީ އެލަވަންސާ ގުޅިގެން އިތުރުގަޑީގެ ފައިސާ އުނިވާ ގޮތަށް އޮންނަ އޮތުމަކީ ވަޒީފާއާ ބެހޭ ގާނޫނާއި ޚިލާފު މާއްދާއެއް ކަމަށް ފާހަގަވުމުން އެކަން އިސްލާހުކުރުމަށް ކަމަށެވެ.
ސްޕެޝަލް ޑިއުޓީ އެލަވަންސް އަކީ އައު ޕޭ ސްޓްރަކްޗާއަށް ބަދަލު ނުވެ ތިބި ހުރިހާ މުވައްޒަފުންނަށް ލިބޭ އެލަވަންސްއެކެވެ.






