ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓް ގާައިމްކުރުމަށް ހިންގާ މަޝްރޫޢަށް ބޭނުންވާ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި މާލީ ވުޒާރާއާއި ދެމެދު މަޝްވަރާކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި މަޝްރޫޢުއަކީ ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ އެހީގެދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. މާލީ ވުޒާރާއާއި ސަޢުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްއާއި ދެމެދު މި މަޝްރޫޢުގެ ފައިނޭނެސް އެގްރިމަންޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ރާއްޖޭގައި ހުރިހާ ރައްޔިތުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 65000 އަށްވުރެ ގިނަ ބޯޙިޔާވަހިކަން ފަހިކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
އެންމެ ބޮޑު މަސައްކަތަކީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫޢުއެވެ. މި ޕްރޮޖެކްޓްގެދަށުން 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ޑިސެމްބަރު މަހު ވަނީ ފަށާފައެވެ.ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރައްވާނެކަން ރައީސް ވަނީ ވިދާޅުވެފައެވެ.






