މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް 133 ދިވެއްސަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއްލާނުކޮށްފިއެވެ.
މާލެ ސަރަހައްދުގެ 42 މިސްކިތެއްގެ ކަންކަން ބަލަހައްޓަނީ މާލެ ސިޓީ ކައުންސިލުންނެވެ.
މާލޭ ސިޓީ ކައުންސިލުން އިޢުލާނުކޮށްފައިވަނީ މާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި ސުޕަވައިޒްކޮށް ބެލެހެއްޓުން އަދި މިސްކިތް މަރާމާތުކުރުމަށާއި މިސްކިތްތަކަށް ދިމާވާ އެކިކަހަލަ މައްސަލަތައް ޙައްލުކުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށެވެ.
އެ ކައުންސިލުން އިޢުލާންކޮށްފައިވާ މަޤާމުތަކުގެ ތެރޭގައި، ރާނާ ސިމެންތިޖެހުން، ވެލްޑިން މަސައްކަތް، ވަޑާމުގެ މަސައްކަތް، ފެން އަދި ކަރަންޓު ވަޔަރުކުރުން އަދި ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ގުޅޭ 10 ވަޒީފާއެއް ހިމެނެއެވެ. މިމަޤާމުތަކުގެ މުސާރައަކީ 15000 ރުފިޔާއެވެ.
ހަމައެހެންމެ، ފޮޅާ ސާފުކުރުމުގެ މަސައްކަތަށް 110 މުވައްޒަފުން ނެގުމަށް ވަނީ އިޢުލާނުކޮށްފައެވެ. މަސައްކަތު މީހެއްގެ މުސާރައަކީ 12000 ރުފިޔާއެވެ.
މީގެއިތުރުން މަރާމާތާ ގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަން އޮފިސަރ އަދި ސުޕަވައިޒަރުގެ މަޤާމާއެކު 13 ވަޒީފާ ހިމެނެއެވެ. މިމަޤާމުތަކުގެ މުސާރަ އުޅެނީ 7000-12000އާއި ދެމެދުގައެވެ. ޖުމްލަ 133 ވަޒީފާއަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހެވެ. ފޯމު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓާއި އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ.
މިކަމާއި ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެފައިވަނީ ކުރިމަތިލާ ފަރާތްތަކަށް ވަޒީފާދޭއިރު، އެމީހަކު ދިރިއުޅޭ ސަރަޙައްދުގެ މިސްކިތްތަކުން ވަޒީފާ ހަމަޖެއްސުމަށް އިސްކަންދެއްވާނެކަމަށެވެ.






