ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ ވޯޓުން މަޤާމުން ވަކިކުރެވެނެ އިސްލާޙެއް ހުށައަޅައިފިއެވެ.
މި އިސްލާޙް މަޖިލީހަށް ހުށައަޅުއްވައިފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
މެމްބަރު ހަސަން ލަތީފްގެ މި އިސްލާޙަކީ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ ގެ ފަހަތަށް އަކުރެއް އިތުރުކޮށް ގެނެސްފައިވ އިސްލާޙެކެވެ.
މި އިސްލާޙުގައިވާ ޙާލަތްތަކުގެ ތެރެއިން އެއްވެސް ޙާލަތެއް ކުރިމަތި ވެއްޖެނަމަ އެ މެމްބަރަކު މަޖިލީހުގެ މެމްބަރު ކަމުން ވަކި ވާނެ އެވެ.
އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރުކަމުން ވަކިވާނެއެވެ.
އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް އެ އިސްލާޙުގައި ވަނީ ބުނެފައެވެ.
ހަމައެއާއިއެކު، ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިޚާބުވެފައިވާނަމަ، ޕާޓީގެ ނިންމުމާ ޚިލާފަށް މަޖިލީހުގައި ނުވަތަ މަޖިލީހުގެ ކޮމިޓީގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ޤަވައިދާ އެއްގޮތަށް އިންތިޚާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު ޕާޓީން ވަކިކުރެވޭނެ ކަމަށްވެސް އެއިސްލާޙުގައިވެއެވެ.
އެ ނޫން އެހެން ސަބަބަކަށްޓަކައި ޕާޓީގެ މެމްބަރުކަމުން ވަކި ކުރާ ޙާލަތުގައި އޭނާ އިންތިޚާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަޤާމުން ވަކިކުރުމަށް ނިންމުމުންވެސް މެންބަރުކަމުން ވަކިވާނެ ވެސް އެ އިސްލާޙުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް، މި އިސްލާޙުގައި މެންބަރަކު މަޤާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިޚާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަޤާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓު ލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަޤާމުން ވަކިކުރުމަށް ނިންމޭނެ ކަމަށް ވެސް މެމްބަރު ހަސަން ލަތީފް ހުށައަޅުއްވައިފާ އިސްލާޙް ބުނެފައެވެ.






