އައްޑޫ އައްސޭރި ޓުވަރިޒަމް މަޝްރޫޢު 6000 އެނދާއިއެކު ފެނުމަށް ވަނީ ތައްޔާރުވެފައިކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު) ގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ މުޢީއްޒު ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީ އާއި ހުޅުދޫ ދާއިރާގެ ތަރައްޤީއަށް ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދާ އެެއްގޮތަށް އެ ކަންކަންތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީގައި ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ އައްސޭރި ޓޫރިޒަމް މަޝްރޫއަކީ، އަބަދު ދައްކާ ވާހަކައެއްގެ ބަދަލުގައި އެއާޕޯޓް ތަަރައްގީ ކުރުމުގެ މަސައްކަތާ އެކު އަމަލީ ގޮތުން މަސައްކަތް ފަށާނެ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
“އެއާޕޯޓް ވެސް ތަރައްގީކޮށް ފުޅާކޮށް، އިންޓަނޭޝަނަލް އިތުރު ހަރުފަތްތަކަށް ގެންދިއުމަށްޓަކައި އަބަދުވެސް ދެކެވޭ ވާހަކައިގެ ބަދަލުގައި އަމަލީ ގޮތުން އެކަން ކުރުމަށްޓަކައި މިކުރެވޭ މަސައްކަތްތަކާ އެކީ، ދެން ވެސް ސީޕްލޭން ޓާމިނަލް ނޫނީ ހަބް އެކަން ވެސް ކުރުމާއި ނުކުރުމުގެ މެދުގައި ބޭއްވުމުގެ ބަދަލުގައި މިހުރިހާ ކަމެއް ގުޅިލާމެހިގެން އައްޑޫ ސިޓީއަށް ތަރައްގީ ގެނައުމަށްޓަކައި މިކުރެވޭ މަސައްކަތްތައް މިކުރަނީ،" ރައީސް ޑރ. މުއިއްޒު ވިދާާޅުވި އެވެ.
މީގެ އިތުރުން ރިޔާސީ ކެންޕެއިންގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ހުޅުދޫ މީދޫގެ ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ފީސިބިލިޓީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ދެން ކުރިއަށްދާނީ ސާވޭގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.






