ހުޅުމާލެ ޖަލުގައި ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މަޢުލޫމާތު ދީފައިވާގޮތައް ހުޅުމާލެ ޖަލުގައި ނިޔާވެފައިވަނީ އުމުރުން 44 އަހަރުގެ ރ. މަޑުއްވަރީ ވިންޑްމާގޭ އަޙްމަދު އިޖާޒުއެވެ.
ކަރެކްޝަންސް އިން ބުނެފައިވަނީ އަޙްމަދު އިޖާޒު 8 މާރިޗު 2024 ގައި ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރްގައި އެޑްމިޓްކުރި ކަމަށެވެ. އަދި އަޙްމަދު އިޖާޒުއަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ޙާލަތު ދެރަކަމުން އޭނާ 9 މާރިޗު 2024 ގައި އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް، ފަރުވާ ދޭންފަށާފައިވާ ކަމަށާ ޙާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ.
ހަމަމިއާއިއެކު އައިސީޔޫއިން އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ ރޭ 23:30 ހާއިރު ގައި ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެއެވެ.
އަޙްމަދު އިޖާޒުއަކީ ތިން އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމަށް 7 މާރިޗު 2024 ގައި ހުޅުމާލޭ ޖަލަށް ގެނެވުނު މީހެއް ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.
އަޙްމަދު އިޖާޒު ނިޔާވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަން ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.






