ކުނީގެ ޓަނަކަށް ނަގަމުންދިޔަ 750 ރުފިޔާގެ އަގު 500 ރުފިޔާއަށް ކުޑަކުރައްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ މުޙައްމަދު ފަޒީލްގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަ ފުޅުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަކަމަށެވެ.
އަދި މިދިޔަ ސަރުކާރު ނިމުންއިރު ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރާ ކުންފުނި ވެމްކޯއޮތީ ވަރަށްބޮޑަށް ދެރަވެފައި ކަމަށެވެ. އަދި މިހާރު މިސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް ކަމަށެވެ.
ރައީސް ޑރ މުޢިއްޒުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކުނީގެ ޓަނަކަށް 750 ރުފިޔާއަށް ވެމްކޯއިން ކުނިއުކާލުމުގެ ޚިދުމަތް ދެމުންގެންދާތީ ރައްޔިތުންނަށް އެކަން ވެގެން ދަނީ ވަރަށް ބޮޑު ތަކުލީފަކަށް ކަމަށެވެ.
މިކަންކަމަށް ލުއިތަކެއް ހޯދައިދިނުމަށް އިސްވެރިންނާ މަޝްވަރާވެސް ކޮށްފައިވާ ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިހާރު ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާވެސް އަދި ކަމާބެހޭ ވަޒީރުންނާވެސް މަޝްވަރާކޮށްފައި އޮންނާނީ. އެހެންވީމަ އިރާދަކުރެއްވިއްޔާ، ޓަނަކަށް މިނަގާ 750 ރުފިޔާ 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނަން” ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރަޢީސް ޑރ މުޢިއްޒު ވިދާޅުވީ މިކަން މާލަސްތަކެއް ނުވެ ކުރެވި ނިމިގެން ދާނެ ކަމަށެވެ.






