ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރުމަށް އެވޯޑެއް ތަޢާރަފްކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން ނިންމައިފިއެވެ.
ޕީސީބީން ބުނެފައިވަނީ މި އެވޯޑު ދިނުމުގެ މައިގަނޑު މަޤްސަދަކީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ވިޔަފާރީގެ މައިދާނުގައި މަސައްކަތަށް އިތުރު ހިތްވަރުދިނުން ކަމަށެވެ.
އަދި "ގަވަނަންސް އެވޯޑް"ގެ ނަމުގައި ދެވޭ މި އެވޯޑު ހަވާލުކުރެވޭނީ ހަމައެކަނި ސަރުކާރުގެ ކުންފުނިތަކަށްކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.
މިކަމާއި ގުޅިގެން ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޔާމީން ވިދާޅުވެފައިވަނީ ގަވަނަންސް އެވޯޑު ދިނުމުގެ އުޞޫލު އެކުލަވާލާ ނިމިފައިވާ ކަމަށާއި އެވޯޑުގެ މަޢުލޫމާތު މިދިޔަ އަހަރު ކުންފުނިތަކާއި ޙިއްސާކޮށްފައިވާކަމަށެވެ. އަދި މިއީ ޕީސީބީން އެކުލަވާލާ މިނިވަން ކޮމިޓީއަކުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، އެވޯޑު ދެވޭނީ ޕީސީބީން ކަނޑައަޅާ މިންގަނޑުން ކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ކުރިއަށްވުރެ ރަނގަޅުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.






