ﷲތަޢާލާގެ ކޯފާއަށްވުރެ އެކަނލާންގެ ރަޙްމަތް ތަނަވަސްވެގެންވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ރަމަޟާން މަހަށްފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެ” މިމައުޟޫއަށް ދިން ޚުތުބާގައި ބުނެފައިވަނީ ގިނަގިނައިން ތައުބާވެ، މާތް ﷲ ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުމަށެވެ އަދި ﷲ އީ ތައުބާ ޤަބޫލުކުރައްވާ، ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ.
“އެކަލާނގެއީ އެކަލާނގެ ކޯފާއަށްވުރެ ރަޙްމަތް ތަނަވަސް ރަސްކަލާނގެއެވެ. އެކަލާނގެ ޒާތުފުޅަށް ރަޙްމަތް ލާޒިމް ކުރައްވާފައިވާ ރަސްކަލާނގެ، ހެޔޮކަމަށް އެދޭ މީހާއެކަމަށް އަވަސްވެގަންނާށެ، އެކަލާނގެ ރަޙްމަތުގެ ދޮރުކޮޅު ވަނީ، އެދޮރުކޮޅުން ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައި” ޚުތުބާގައި ބުނެފައިވެއެވެ.
ނިމިގެންމިދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރިގޮތާމެދު ވިސްނާލުމަށާއިި، ޤަވާއިދުން ފަރުޟު ފަސްނަމާދު އަދާކުރެވުނު ނަމަ އެ ނަމާދުތައް ކުރުން ރަމަޟާންމަހަށް ފަހުގައި ވެސް ދަމަހެއްޓުމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ކޮންމެ ދުވަހަކު ޤުރްއާނުން ޞަފްޙާއެއް ނަމަވެސް ކިޔެވޭތޯ ބެލުމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
“މުސްލިމް އަޚުންނޭ! ހެޔޮޢަމަލުކުރުމުގައި ހީވާގިވޭ، ކިތަންމެ މަދުން ކުރެވުނަސް ހުއްޓާނުލާ، އެއީ ނަބަވީ މަންހަޖު” ޚުތުބާގައި ބުނެފައިވެއެވެ.
ކުރިން ކުރެވިފައިވާ ހެޔޮޢަމަލުތަކަކީ، ގިނަގުނަ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެންނުވާނެ ކަމަށާއި، އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކާ ބޮޑާވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ ޢަމަލުތައް ބާޠިލުވެދާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށާއި، ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެ ކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.
“ބައްޔެއްގެ ސަބަބުން، ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް، ސުންނަތް އަޅުކަމެއް ދޫވެއްޖެނަމަ، އެކަމެއް ފިލައިދިއުމުން، އެ އަޅުކަމެއް ކުރަން އަވަސްވެގަންނާށެ، އެހެނީ ޢުޛުރަކާހުރެ ދޫވި އަޅުކަންތަކުގެ ސަވާބު، الله ތައާލާ ފުރިހަމައަށް ދެއްވާނެ” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.






