Close

އައްޑު އަތޮޅާއި ހުވަދުއަތޮޅާއި ދެމެދު މޯލްޑިވިއަން އިން ދަތުރުތައްފަށަނީ!

އައްޑުއަތޮޅާއި ހުވަދުއަތޮޅާއި ދެމެދު ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި "ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް"ގެ ދަށުން އައްޑުއަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓާ ގުޅުވައިދޭ ޚިދުމަތް، 29 އޮކްޓޫބަރު 2024 އިން ފެށިގެން ފަށާނެއެވެ. އަލަށް ހުޅުވޭ މި ރޫޓުގެ ދަތުރުތައް ކުރިއަށް ދާނީ އަންގާރަ ދުވަހާއި ހޮނިހިރު ދުވަހުއެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދީފައިވާގޮޮތުން، މި ޚިދުމަތުގެ ޓިކެޓް ބުކިން މިއަދުން ފެށިގެން، މޯލްޑިވިއަންގެ ޓިކެޓު ބައްލަވައިގަންނަވާ ހުރިހައި ވަސީލަތަކުން ވެސް ލިބޭނެއެވެ.

"ސައުތު ކަނެކްޓިވިޓީ"އަކީ ދިވެހި ސަރުކާރުން އިސްނަންގަވައިގެން، މޯލްޑިވިއަންއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރިވެދީ، ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓް އާ ދެމެދު ދޭ މި ޚިދުމަތުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ސީދާ ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ދިއުމުގެ މަގު ފަހިވާނެކަމަށް މިއަދު މޯލްޑިވިއަން އިން ނެރުނު ބަޔާނުގައި ވެއެވެ.

އަދި މި ދަތުރުތަކުގެ ސަބަބުން ދެކުނު ސަރަހައްދުގެ އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމަށް ބަޔާނުގައި މޯލްޑިވިއަން އިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top