އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ތަސައްވުރު އެމްއެމްޕީއާރްސީ އިން ހާމަކޮށްފިއެވެ.
މިކަން ހާމަ ކުރައްވާފައިމިވަނީ އައްޑޫގެ ސައުތު ޕާމް މޯލްޑިވްސް ރިސޯޓުގައި އިއްޔެ ބޭއްވި 'ދެކުނު މަހާސިންތާ 2024' އިބްތިދާއީ ބައްދަލުވުންތަކުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ފާތުމަތު ތަޢުފީޤުއެވެ.
ފާތުމަތު ވިދާޅުވީ، އައްޑޫ ސިޓީއަކީ، މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ މަންޒިލެއްކަމަށެވެ. އަދި އެސިޓީ އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުމުގެ ފުރުޞަތު ވަރަށް ބޮޑު ސިޓީއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު ރީޖަން މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން އެމްއެމްޕީއާރުސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި އައްޑޫ ސިޓީގެ ސްޓޭކްހޯލްޑަރުންގެ މެދުގައި، މިމަހުގެ ތިން ވަނަ ދުވަހު އިބްތިދާއީ ބައްދަލުވުންތައް ބާއްވާފައިވާއިރު، މި ބައްދަލުވުންތައް ކުރިއަށް ގޮސްފައިވަނީ ސައުތު ޕާމް މޯލްޑިވްސްގައިއެވެ.
މިއީ ރާއްޖޭގެ ދެކުނުގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދާ ހަރަކާތެއް ކަަމަށް އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުންތަކަކީ އައްޑޫ ސިޓީ ހިމެނޭހެން އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާޢަތް ދިގު މުއްދަތަކަށް ކުރިއެރުވުމަށް މުހިންމު ބައްދަލުވުންތަކެއް ކަމަށްވެސް ފާތިމަތު ވިދާޅުވިއެވެ.
އަދި މި ބައްދަލުވުންތަކުގެ ސަބަބުން ދެކުނުގެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ފަރާތްތަކުގެ މެދުގައި އުފެއްދުންތެރި ގުޅުމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީ ފާތުމަތު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީއާއި ކައިރި އަތޮޅުތަކަށް ގިނަ އަދަދެއްގެ ޓޫރިސްޓުންނަށް ޒިޔާރަތްކުރެވޭނެ ޑޮމެސްޓިކް ހަބަކަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ވާނެ ކަމަށާއި، މިއީ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށެވެ.
އެމްއެމްޕީއާރްސީއިން ބޭނުންވަނީ ލޯކަލް ޓުއަރިޒަމް ވަރަށް ބޮޑަށް އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިގޮތްތައް ހޯދައިދިނުމަށްކަން ފާހަގަކުރައްވާ ކުންފުނީގެ އެމްޑީ ވަނީ ސިމްޕޯޒިއަމްގެ މަޝްވަރާތަކަށް އިޝާރާތްކޮށް، ދެކުނުގެ އަތޮޅު ތަކުގެ ޓުއަރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، އައްޑޫގެ އިތުރުން، ގއ، ގދ، އަދި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އަންނަ ކޮންމެ ކުރިއެރުމަކުން މުޅި ޤައުމަށާއި ރައްޔިތުންނަށްވެސް ފައިދާކުރާއިރު، ޤައުމުގެ ތަރައްޤީއަށް އެހީތެރިވެދެނީ ފަތުރުވެރިކަން އިޝްތިހާރުކުރާ އިންޑަސްޓްރީގެ ހުރިހާ ބައިވެރިންގެ މަސައްކަތުންކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.






