މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ބިން ލިބޭނެ ކަމުގެ ޔަޤީން ކަން ދިނުމުގެ ގޮތުން އެމީހުންނަށް ލިޔުމެއް ދީފިއެވެ.
މިގޯތި ތަކަކީ މިދިޔަ ސަރުކާރުގެ “ބިންވެރިޔާ ސްކީމް” ގެ ދަށުން ދޫކުރި ގޯތިތަކެކެވެ.
ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ފޯރުކޮށްދިނުމުގެ ގޮތުން ދޫކުރި ލިޔުމަކީ ވަޒީރު ޑރ. ޢަލީ ހައިދަރުގެ ނަމުގައި ދޫކުރި ލިޔުމެއް ކަމަށާއި، މިލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.
"ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓަރ ހައިދަރު ގެ ނަމުގައި ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފިއެވެ. މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެއެވެ.
— Ministry of Housing, Land and Urban Development (@MHLUDmv) April 9, 2024
ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ދޫކުރި ތަންތަނުން ގޯތި ދޫކޮށްފައިވާއިރު، އެކަމާއި ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ.






