Close

އެންމެ ތުއްތުއިރުއްސުރެ ދަރިން ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ މަސްޢޫލިއްޔަތެއް: ހުކުރު ޚުތުބާ

އެންމެ ތުއްތުއިރުއްސުރެ ދަރިންނަށް ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ މަސްޢޫލިއްޔަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފިއެވެ.

“ދަރީން ނަމާދަށް އަހުލުވެރިކުރުވުން” މިމަައުޞޫއަށް އިއްވި ހުކުުރު ޚުތުބާގައި ބުނެފައިވަނީ މިޤައުމަށް މިއަދު މިވަނީ، ހެޔޮ ލަފާ މުޖްތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި ކަމަށެވެ. އަދި މި މަސައްކަތްތައް ކާމިޔާބުވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެން ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.

“ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ الله سُبْحَانَهُ وَتَعَالَى ޙަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހޭ، އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭ، އެގޮތުން، މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުން، އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށް، ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަން” ހުކުރު ޚުުތުބާގައި ބުނެފައިވެއެވެ.

އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެކަމެއް ކަމަށާއި،، އެންމެ ފުރަތަމަ ނަމާދުގެ ޙަރަކާތްތައް ކުއްޖާ ދަސްކުރާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުޢާތައް ކިޔަން މަސައްކަތް ކުރާނެކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހޭކަމަށްެވެސް ޚުތުބާގައި ބުނެފައިވެއެވެ.

“ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުޤުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެއް، ކުޑަކުދިން މިސްކިތަށް އަހުލުވެރި ކުރުވުމުގައި ބެލެނިވެރިންގެ ސަމާލުކަން ނުހަނު ބޭނުންވާނެ، މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭން ޖެހޭ އިރުޝާދެއް” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

މިސްކިތަކީ ބިންމަތީގައިވާ މާތް اﷲ ގެ ގެކޮޅުކަން ދަރިންނަށް ކިޔައިދީ މިސްކިތުގެ ސާފުތާހިރުކަމާއި މިސްކިތުގައި ކުރެވޭނެ ކަންތައްތަކާއި ކޮށްގެންނުވާނެ ކަންކަން ބެލެނިވެރިން ދަރިންނަށް ކިޔައިދޭން ޖެހޭނެ ކަމަށްެވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top