ލ.މާވަށުގައި 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ލ.އަތޮޅުގެ ބައެއް ރަށްރަށަަށް ކުރައްވާ ޒިޔާރަތެއްގައި ލ.މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މުޅި ރާއްޖެއަށްވެސް އެންމެ މުހިންމީ ރައްޔިތުންނަށް ގެދޮރުވެރިކަން، ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ބަލާއިރުގައި، ގިނަ ރަށްތަކުގައި ބިން ނެތް ކަމަށާއި މާވަށުގައިވެސް ކަން އޮތީ އެގޮތަށް ކަމަސް ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިކަން ޤާއިމުކުރަން ޖާގަ ބޭނުންވާނެ ކަމަށާއި ކުރިން އޮތީ މާވަށުގައި ފަނަރަވަރަކަށް ހެކްޓަރުގެ މަޝްރޫޢެއްގެ މަސައްކަތް ހިންގުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ގަސްތުކުރަނީ އަދި ރައްޔިތުންވެސް ބޭނުންފުޅުވަނީ އެވަރެއް ނޫން. އެއަށްވުރެ އިތުރުކުރަން، އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، 15 ހެކްޓަރެއް ނޫނޭ، 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް މި ރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނަމޭ” ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ވީހާވެސް އަވަހަކަށް އެކމަުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށާއި ފުރަތަމަ ކުރެވޭނީ ކޮންމެގޮތެއްވިޔަސް އެ ޖަހަންޖެހޭ ބަންޑްވޯލް، ނޫނީވިއްޔާ އެ ބިން ހިއްކުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް ކަމަށާއި އެކަން ފަށައިގެން ހަމަ ބާރަށްކުރިއަށް ދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
30 ހެކްޓަރު ހިއްކަން ނިންމީ، ޒުވާނުންނާއި، އެކި އުމުރުފުރާގެ ރައްޔިތުންގެ މި ގެދޮރުގެ މައްސަލައަށް އެންމެ ބޮޑު ޙައްލެއް ލިބޭނެ ގޮތްކަމަށްވާތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.






