Close

އަޅުގަނޑަށް މުހިންމީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުން، ނަތީޖާ ނެރެދިނުން: ރައީސް މުޢިއްޒު

މުހިންމިީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދީ ނަތީޖާ ނެރެދިނުން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ހައްދުން މައްޗަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅުގެ އިސްދޫ ކަލައިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުން ކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަރައްޤީ އާއި ފުދުންތެރިކަން ކަމަށެެވެ.

ރައީސް ވިދާޅުވީ ތަރައްްޤީގެ މަސައްކަތުގައި އެންމެ ދުވަހެއްވެސް ބޭކާރުވެގެންދާކަށް ބޭނުންފުޅު ނުވާކަމަށާއި، ބާރު ސްޕީޑްގައި ހަލުވި ދުވެލީގައި ރައްޔިތުންނަށް ކަންކަން ކޮށްދީ، ނަތީޖާ ނެރެދޭން ބޭނުންފުޅުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ޔަޤީން ކުރައްވަނީ ކުރިއަށް މިއޮތް ދުވަސްތަކާއި، އަދި މިދިޔަ ހަތަރު ފަސްމަހުގެ ތެރޭގައި ކުރެވުނު ވަރަށްވުރެ ގިނަ މަސައްކަތް، ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ސަރުކާރަށް ކޮށްދެވޭނެ ކަމަށެވެ.

“އެހެންވީމާ، މި އިސްދޫ އަދި ކަލައިދޫގެ ތަރައްޤީއަށް އަދި މި ދާއިރާގެ ހަތަރު ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ވަރަށް އިސްކަން އަޅުގަނޑުމެން ދޭނަން. އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، އެކަންކަން ހިމެނިގެން މިހާރުވެސް ކުރިއަށް މިގެންދަނީ. އެކި ކަހަލަ ދަތިތައް މި ހުންނަނީ. ބަޖެޓުގެ ތެރޭގައި ހުރި ދަތިތައް މައިގަނޑު ގޮތެއްގައި. މި ބަޖެޓް ފާސްވެފައި މިއޮތީ، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ނޫން. މިހާރު މި ބޭނުންކުރާ ބަޖެޓަކީ، އަޅުގަނޑުމެން މި ސަރުކާރުން ފާސްކުރި ބަޖެޓެއް ނޫން” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރަސް ފާސްކުރި ބަޖެޓްގައި ކުރީ ސަރުކާރުން ހިމަނައިފައިވަނީ އެމަނިކުފާނު އެދިވަޑައިގަތް ކަންކަމުގެ ތެރެއިން މަދުކަމެއް ކަމަށާއި އެހެންކަމުން އޭޕްރީލް، މެއި ހިސާބުގައި ކަންކަން ފަށަން ބޭނުންވިޔަސް އެކަންކަން ފެށެން އޮތީ މިއަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްޤީގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްގެންދިޔުމަށް ބަޖެޓް މުހިންމުވަ ކަމަށާއި، މަޖިލިސްވެސް މުހިންމު ވާކަމަށެވެ.

“ އެހެންވީމާ، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭން، ސަރުކާރުން ރައްޔިތުންނަށްޓަކައި މިކަންކަން ކޮށްދޭން ބޭނުންވާ ވިސްނުމުގައި މަސައްކަތް ކުރެވޭނެ މަޖިލީހެއް އޮތުމުގެ ޒަރޫރީ ބޭނުން އަޅުގަނޑު ހަމަ ފާހަގަ މިކޮށްލަނީ” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިސްދޫ ކަލައިދޫގެ ތަރައްޤީ އަށް ކުރަންހުރި ކަންކަން ވަނީ ވިދާޅުވެދެއްވައިފައެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top