ހައްދުންމަތީ ދަނބިދޫގައި ބިނާ ކުރަން ފެށި މިސްކިތުގެ މަސައްކަތް ކަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒަށް ހިއްސާކޮށްފިއެވެ.
ލ.ދަނބިދޫ ކައުންސިލުން ރައީސް މުޢިއްޒަށް މިކަންކަން ހިއްސާ ކުރެއްވީ ރައީސް ޑރ މުޢިއްޒު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ދަނބިދޫ ކައުންސިލާއި އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުން އޮތީ ދަނބިދޫ ސްކޫލްގައެވެ.
މިބައްދަލުކުރެއްވުމުގައި ދަނބިދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ފަށާފައިވާ މުހިންމު ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެއެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ މިސްކިތުގެ މަސައްކަތް ނުފެށި ލަސްވުމާއި ރަށުގެ އިޖްތިމާޢީ މަރުކަޒެއް ބިނާ ކުރުމާއި ރަށުގެ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ނަރުދަމާ ނިޒާމާއި ރަށު ބަނދަރުގެ ހާލަތުގެ އިތުރުން ރަށް ގިރުމާ ގުޅިގެން ދަނބިދޫއަށް ކުރިމަތިވަމުންދާ ދަތިކަން ރައީސް އާއި ހިއްސާކޮށް، މިކަންކަން ހައްލުކުރުމަށް މަޝްވަރާކުރެވުނެވެ.
މީގެ އިތުރުންވެސް ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކައުންސިލުން ރައީސް ޑރ މުޢިއްޒާއި ހިއްސާކުރައްވާފައިވެއެވެ.
ދަނބިދޫ އަންހެނުންގެ ތަރައްްޤީ އަށް މަސައްކަތްކުރާ ކޮމިޓީން، އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް ހިއްސާކޮށްފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ މުޢިއްޒު ދެއްވާފައިވެއެވެ.






