ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ލ.ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ ރަށަށް ވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު ގަމުގަައި ފެށިފައިވާ ހައުސިންގ މަޝްރޫޢަކުން އެސަރަހައްދަކަށް ނުފުދޭނެ ކަމަށެވެ. އެ 100 ހައުސިންގ ޔުނިޓް، ނޫނީވިއްޔާ 100 ގެޔަކީ ް ފުދޭ މިންވަރެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ރަނގަޅު ކުރުމަށް ވަޢުދުވެވަޑައިގެންނެވުނު ކަމަށާއި ވަޢުދުވީ ފަދައިން އެކަން ކުރިއަށް ގެންދާނެކަމަށްެވެސް ރައީސް ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްޤީއަށް ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، އެންމެ އިސްކަމެއް ދެނީ، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ކަމަށާއި އެކަން ކުރަން ބަލާއިރުގައި އެންމެ އާބާދީ ބޮޑު، ނޫނީވިއްޔާ އެންމެ ބިން ބޮޑު، ޖާގަ އޮތް ތަނަކަށް އެކަމުގައި އިސްކަންދޭންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި އޭގެ ނަތީޖާއަކަށް ވާނީ، ދެން އެހެން ރަށްރަށުގެ ރައްޔިތުންވެސް، އެއްފަސްވުމުގެ ބޭނުމުގައި އެ ރަށްރަށަށް ހިޖުރަވެސް ކުރުން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
“އެހެންވީމާ، އެ ވިސްނުމުގައި މި ގަމުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކަކީ، މުޅި ރާއްޖޭގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ ތެރޭގައި، އެންމެ ގިނަ މަޝްރޫޢުތައް ހިންގާ އެއް ރަށަށް ވާނެ. އެގޮތަށް އަޅުގަނޑުމެންގެ ސިޔާސަތު އޮތީވެސް. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން” ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ 100 ހައުސިންގ ޔުނިޓްގެ މަޝްރޫޢަކީ މިހާރު ފެށިފައި އޮތް މަޝްރޫޢު އެއް ކަމަށާއި، އެއަށްވުރެ މާގިނަ ހައުސިންގ ޔުނިޓްތައް އެޅުމަށް އެމަނިކުފަނުގެ ސަރުކާރުގެ ސިޔާސަތުގައި އޮތީ ކަނޑައެޅިފައި ކަމަށެވެ.
“މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ސާޅީސްހާސް ހައުސިންގ ޔުނިޓް މަޝްރޫޢު، ފަސް އަހަރު ތެރެއަށް ބަހާލައިގެން. އޭގެތެރޭގައި ހަމަ މުހިންމު ދައުރެއް އަދާކުރާނެ ރަށަކަށް މި ރަށް ވާނެ” ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.






