ހައްދުންމައްޗަށް ތަރައްޤީ ގެނެވޭނެ ކަމުގެ ޝައްކެއް ނެތް ކަމަށާއި އެތަތަރައްޤީ ގެނެވޭނީ ހައްދުންމަތީގެ ރައްޔިތުން ބޭނުންވެގެން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހައްދުންމައްޗަށް ރައީސް ޑރ މުޙައްމަދު ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެން އެއަތޮޅު ފޮނަދޫ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ހައްދުން މައްޗަށް ތަރައްޤީ ގެނެވޭނެ ކަމީ ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށާ އެހެން ނަމަވެސް ތަރައްޤީ ގެނެވޭނީ ރައްޔިތުން ބޭނުން ވެގެންނެވެ.
އެހެންކަމުން، އެކަމަށް ފަހި ކުރުމަށްޓަކައި ރައީސް މުޢިއްޒަށް ވެރިކަން ކުރެއްވުމުގެ މަގު ފަހި ކޮށްދެއްވައި، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައި ދެއްވުމަށް ޢަބްދުރަޙީމް ވަނީ ގޮވައިލައްވައިފައިވެއެވެ.
ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ދައުރުގައި ހައްދުންމަތި އޮންނާނީ ތަރައްޤީގެ އެންމެ އުހުގައި ކަމަށެވެ.
ހައްދުންމައްޗަކީ ރާއްޖޭގެ އަތޮޅު ތަކުގެ ތެރެއިން އެންމެ ފުރުސަތުތައް ބޮޑު އަތޮޅުކަން ޤަބޫލުކުރައްވައި، ދައުރުގެ ކުރީ ކޮޅުގައި ހައްދުންމަތީގެ ތަރައްޤީގެ މަޝްރޫއުތައް ފެއްޓެވިކަމަށްޓަކައި ރައީސް މުޢިއްޒށް ޢަބްދުއްރަޙީމްޝުކުުރު އަދާކުރެއްވެވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވާދަވެރިން ފާޑުކިޔައި ހެދި ނަމަވެސް، ސަރުކާރު އޮތީ ނުގުޑާފަދަ އަޒުމެއްގައި ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަމަށް އަންނަ ކޮންމެ ގޮންޖެހުމަކާއިވެސް ކުރިމަތިލާނީ ކެރިގެން ހިތްވަރާއި އެކީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހައްދުންމަތީގެ ހަތަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެފަދައިން ކަން ކުރެއްވުމުން އެ ކެންޑިޑޭޓުން ވާނީ ހައްދުންމައްޗަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކެންޑިޑޭޓުންނަށް ކަމަށްވެސް ޢަބްދުރަޙީމް ވިދާޅުވިއެވެ.






