އައްޑޫ ސިޓީގެ ފެނުގެ ނިޒާމް ތަރައްޤީ ކުރުމުގެ މަސައްކަތް މިހަފްތާތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނިު އައްޑޫ ސިޓީ އަށް ކުރެއްވެވި ޒިޔާރަތުގައި އެސިޓީގެ ހިތަދޫ ހައިސްކޫލްގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އައްޑޫގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ޖެހިފައިވާ ކަމަށާއި އެއީ ގާތްގަނޑަކަށް 282 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ވާއިރު އެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން، މިދިޔަ ސަރުކާރުން އައްޑޫ ސިޓީގެ ބައެއް މަގުތައް ހެދުމަށް އެންމެ އާދައިގެ ސިމެންތި ފަށަލަ އެކަނި އަޅާފައި ހުރުމުގެ ސަބަބުން މަގުތައް ހަލާކުވަމުންދާކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، 100 ކިލޯމީޓަރުގެ ތެރެއިން އެފަދައިން ހުރި 60 ކިލޯމީޓަރުގައި ކޮންސްޓްރަކްޝަން މިނިސްޓްރީއިން އާރްޑީސީއާ ހަވާލުކޮށްގެން ތާރު އަޅައިދެއްވާނެ ކަމަށެވެ.
އައްޑޫ ސިޓީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ބްރިޖާއި ކެތް ލެބާއި އެކި ކަހަލަ ތެރަޕީ ދެވޭ ގޮތަށް އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލާއި އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ މަޝްރޫއުގެ ވާހަކަވެސް ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.






