މިސަރުކާރުން ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާކަަމަށް އިދިކޮޅު އެމްޑީޕީ އިން ކުރި ތުހުމަތުތައް ޕީޕީއެމް/ޕީއެންސީ އިން ދޮގުކޮށްފިއެވެ.
އެމްޑީޕީ އިން ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ބުނެފައިވަނީ އެޕާޓީއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީން، ފުޅާދާއިރާއެއްގަ ސަރުކާރު މުވައްޒަފުން، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެނޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުންދާ ކަމަށް ބުނެފައެވެ.
އަދި އެ ވާހަކަ ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ދައްކާފައިވާތީ، އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ މި ބަޔާނަށް ޕީޕީއެމް/ޕީއެންސީ އިން ވަނީ ރައްދުދީފައެވެ. އަދި އެޕާޓީ އިންވެސް ވަނީ ނޫސްބަޔާނެއް ވަނީ ނެރެފައެވެ.
އެބަޔާނުގައި ބުނެފައި ވަނީ ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ އެ ޕާޓީއިން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށެވެ. އަދި ރައީސް ޑރ މުޢިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުން ކަމުގައިވެސް ބަޔާނުގައި ވެއެވެ.
ހަމަމިއާއިއެކު ޕީޕީއެމް/ޕީއެންސީއިން ރައްޔިތުންގެ ތާޢީދާއި ލޯބި ހޯދާނީ ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދީގެން އަދި ރައްޔިތުންގެ އަޑު އަހައިގެން ކަމަށްވެސް ބަޔާނުގައި ވެއެވެ.
ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެމްޑީޕީގެ އިސްވެރިން ރަށްރަށަށް ކުރާ ދަތުރުތަކުގައި މިހާރުވެސް ވަޒީފާތަކުގައި ތިބި ފަރާތްތަކުން ބައިވެރިވާކަމަށާ މިދިޔަ ސަރުކާރުން ސިޔާސީ ފިކުރަށް ބަލާ ވަޒީފާތަކުން މީހުން ވަކިކޮށް ބިރު ދައްކާ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހައްޔަރު ކުރަމުން ދިޔަ ގޮތަށް ކަންކަން ކުރުމަކީ ޕީޕީއެމް/ޕީއެންސީގެ ސިޔާސަތެއް ނޫންކަމަށެވެ.






