ހުޅުމާލޭގައި ދެމިސްކިތެއް އެޅުމަށް ބިންހަވާލުކޮށްފިއެވެ.
ހުޅުމާލޭގައި 2 މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއި ހަވާލުކުރީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަނުންނެވެ.
އެބިންތަކަކީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކިތަކާއި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތެކެވެ.
މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިސްލާމީ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
އެޗްޑީސީ އިން ވިދާޅުވި ގޮތުގައި މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެކެވެ.
ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.






