އައްޑޫ ސިޓީ ހަންކެނޑެ ޕްރޮޖެޓުގެ ބިންގާ އަޅައިފިއެވެ.
މި ޕްރޮޖެޓަކީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހަންކެނޑެ މަޝްރޫއު ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިޙްސާނެެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެކިފަރާތްތަކާއި ދައުލަތުގެ އިސް ފަރާތްތައް ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ރައީސް ޑރ.މުޢިއްޒު އަކީ ހުސްވައުދު ވެވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނުގެ ވައުދުތައް ދައުރުގެ ކުރީ ކޮޅު ފަށައި ކުރިޔަށް ގެންދެވުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
ހަންކެނޑެ މަޝްރޫއަކީ އައްޑޫ ބަދަލު ކޮށްލާނެ ޕްރޮޖެކްޓެއް ކަން ވަޒީރު އިހްސާން ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކަމުގެ ނަފާ އައްޑޫ ރައްޔިތުންނަށް މި ފަސް އަހަރުގެ ތެރޭގައި ފެނިގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 2،080 އެނދުގެ މި މިޝްރޫއު އޮތީ މިހާރު އަމަލީ މަސައްކަތް ފެށޭ ހިސާބުގައި ކަމަށް މީގެ ކުރިން ރައީސް ޑރ.މުޢިއްޒު ވަނީ އެމަނިކުފާނު އައްޑޫ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ވިދާޅުވެފައެވެ.
އަދި މި މަޝްރޫއު ނިމިގެންދާއިރު، 1،980 ވަރަކަށް ވަޒީފާގެ ފުރުސަތު އައްޑޫ ސިޓީން ހުޅުވިގެން ދާނެ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.







