ޑެންގީ ހުމާއި އަރިދަފުސްރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނެފިއެވެ.
އެއޮތޯރިޓީގެ ފާއިތުވި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ޑެންގީ ހުމާއި އަރދަފުސް ރޯގާ އަދި ބޭރަށް ހިންގުންވެސް ވަނީ އިތުިރުވެފައެވެ.
އެގޮތުން ފެބްރުއަރީ މަހު ޑެންގީ ހުމުގެ 116 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މަހު ޑެންގީ ހުމުގެ 119 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިއީ ޖެނުއަރީ މަހާ އަޅާބަލާއިރު 18% ދަށް ޢަދަދެކެވެ.
އަރިދަފުސް ރޯގާ ޖެހިގެން ފެބްރުއަރީ މަހު 29،184 މީހުން ރިޕޯޓްކޮށްފައިވެއެވެ. މި ޢަދަދު މިދިޔަ މަހު ވަނީ 33،637 މީހުންނަށް އިތުރުވެފައެވެ.
މިދިޔަ މަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5428 ކޭސް ރިޕޯޓުކޮށްފައިވާއިރު މިއީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 5% ގެ އިތުރުވުމެކެވެ. މީގެ އިތުރުން ވައިރަލް ހުމުގެ ކޭސްތައް ފެބްރުއަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ވަނީ 32% އިތުރުވެފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ބޭރަށް ހިންގުން މާލޭ ސަރަހައްދުގެ އިތުރުން ހއ، ހދ، ބ، ޅ، ކ، އއ، ވ، މ، ފ، ދ، އަދި ލ އަތޮޅުގައި އިތުރުވެފައިވާއިރު ވައިރަލް ހުން އިތުރުވެފައި ވަނީ މާލޭ ސަރަހައްދާއި ހއ، ހދ، ނ، އއ، ފ، ގދ، އަދި ސ އަތޮޅުގައެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
ހަމަމިއާއި އެކު ޑެންގީ ހުން އިތުރުވެފައިވަނީ މާލޭ ސަރަހައްދުގެ އިތުރުން ހއ، ހދ، ނ، ކ، ގދ، ޏ، ލ އަދި ސ އަތޮޅުގައެވެ.
ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ އަރިދަފުސް ރޯގާ އަދި ނޭވާ ލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެއޮތޯރިޓީ އިން ވަނީ އިލްތިމާސްކޮށްފައެވެ.






