Close

ތިބާ ބުނެ އުޅޭ ލިޔެ އުޅޭ ކޮންމެ ޖުމްލައަކާއި މެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެ: ޚުތުބާ

އިންސާނާ ބުނެ އުޅޭ އަދި ލިޔެ އުޅޭ ކޮންމެ ޖުމްލައަކައި މެދު ޤިޔާމަތްދުވަހު ސުވާލުކުރެވޭނެ ކަމަށް މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފިއެވެ.

“މުއުމިނުންގެ ސިފަތައް” މިމައުޟޫއަށް ދިން ޚުތުބާގައި ބުނެފައިވަނީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކަކީ މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއްގެ ވާހަކަކަމަށެވެ. އަދި އެއީ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވުމުގެ ވާހަކަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެކެވެ.

އަދި ޙަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއް، އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހަދާށެ، ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެ”ހުކުރު ޚުތުބާ

ކާމިޔާބު މުއުމިނުންގެ ސިފަތަކުގެ ތެރެއިން އެއް ސިފައެއްކަމުގައި މިއަދުގެ ޚުތުބާގައި ބަޔަންކޮށްދީފައިވަނީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. އަދި އެ ނަމާދުގައި މަޑުމޮޅިވެ، އެނަމާދު މާތް ﷲ ޤަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނަކީ މުއުމިނުންގެ ސިފަތައް ހުރި މީހުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުއުމިނުންގެ ސިފަތަކުގެ ތެރެއިން ޚުތުބާގައި ދެން ބަޔާން ކޮށްދީފައިވާ އަނެއް ސިފައަކީ ދީނުގެ ރުކުނެއްގެ ވާހަކައެއް ކަމަށެވެ. އަދި އެއީ އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާ ދެކޮޅަށް މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވި ރުކުން ކަމުގައިވާ މުދަލު ޒަކާތުގެ ވާހަކަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ނިޞާބު ހަމަވެ، އަހަރެއްވުމުން އެ މުދަލުން ކަނޑައެޅިގެންވާ މިންވަރު، ޒަކާތުގެ ބެހެނިވެރިންނަށް ނެރުމަށް އަންގަވާފައިވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ލަދުވެތި ގުނަވަނަށް ރައްކާތެރިވުމަކީވެސް މުއުމިނުންގެ ސިފައެއްގެ ގޮތުގައި ބަޔަން ކޮށްދީފައިވެއެވެ. އަދި އެ ގުނަވަނަށް ރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުންވެސް އޭގެ ތެރޭގައި ހިމެނޭކަމަށާއި، ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައި ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޒިނޭކުރުމާއި މެދު ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘް އެއް ޚުތުބާގައި ބަޔާން ކޮށްދީފައިވެއެވެ. އެ ޚަދީޘްގެ މާނައިގައި ވަނީ "އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު، އެ ޢަޛާބު ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ."

މީގެއިތުރުން ޒިނޭފަދަ ޢަމަލުތަކަށް އަރައިގަންނަ މީހުން މާތް ﷲ ގެ މަގަށް ރުޖޫޢަވެ ތައުބާވުމަށް ޚުތުބާގައި ގޮވައިލައިފައިވެއެވެ.

މުއުމިނުންގެ އަނެއް ސިފައެއް ކަމަށް ޚުތުބާގައި ބަޔާން ކޮށްދެއްވައިފައިވާ އަނެއް ސިފައަކީ އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުމެވެ.

“އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެއް، އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫން، އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނަ، އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތައް، ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖު” ޚުތުބާގައި ބުނެފައިވެއެވެ.

އަދި ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތައް ކަމަށާއި، އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެއް ކަމަށްެވެސް ޚުތުބާގައި ބުނެފައިވެއެވެ.

މުއުމިނުންގެ ހަވަނަ ސިފައެއް ކަމުގައި ޚުތުބާގައި ބަޔާން ކޮށްދީފައިވަނީ ނަމާދު ތަކަށް ރައްކާތެރިވުމެވެ. ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. ނަމާދުގެ ވާހަކަ ތަކުރާރުވުމުން އެނގެނީ ނަމާދަށް ދެވިފައިވާ އަހައްމިއްޔަތު ކަމަށާއި ބަޔާންވެދިޔަ ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި އެފަދަ މީހުންނަކީ ސުވަރުގޭގެ ވާރުތަވެރިން ކަމަށާއި އެތާނގައި އެމީހުން އަބަދުގެ އަބަދަށް ދެމިތިބޭނެކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top