Close

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޕަވަރ ޕްލާންޓެއް ޤާއިމް ކުރަނީ!

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޕަވަރ ޕްލާންޓެއް ޤާއިމް ކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދެވެ. އަދި ޑޮންގފަންގް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޕްރެޒިޑެންޓް ސުން ޖެން ޕިންއެވެ.

ފެނަކަ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް ދާއިމީ ހައްލެއް އެކަމަށް ގެނެވިފައިނުވާ ކަމަށެވެ.

މީގެއިތުރުން ކަރަންޓު ކެނޑޭ، މައްސަލައަށް ދާއިމީ ހައްލެއް ނުގެނެވުމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން މިހާހިސާބަށް އައިރުވެސް ދިރިއުޅެމުންދިޔައީ ވަރަށް ދަތިކޮށް ކަމަށް މުޢާޒް ވިދާޅުވެފައިވެއެވެ.

މުޢާޒް ވިދާޅުވީ ޗައިނާގެ ޑޮންގްފަންގާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އައްޑޫގައި 30 މެގަވޮޓުގެ ޕަވަރ ޕްލާންޓެއް ޤާއިމްކުރެވޭނެކަމަށާއި މި ޕަވަރ ޕްލާންޓާއެކު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރިއަށް އޮތް 20 ނުވަތަ 25 އަހަރަށް ދާއިމީ ހައްލެއް އަންނާނެ ކަމަށެވެ.މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ޤާއިމްކުރެވޭނީ ކުރިއަށްއޮތް 15 އަހަރަށް 9.8 މެގަވޮޓުގެ 2 ޖަނަރޭޓަރު ސެޓު ކަމަށް މުޢާޒް ވިދާޅުވިއެވެ.

އަދި އޭގެފަހުން 5.8 މެގަވޮޓުގެ 2 ޖަނަރޭޓަރު ސެޓު ޤާއިމް ކުރުވޭނެ ކަމަށް މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ މިޕަވަރ ޕްލާންޓުން 50 މެގަވޮޓާ ހަމައަށް ޕަވަރ ކެޕޭސިޓީ އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށެވެ.މި ޕްރޮޖެކްޓަށް ޚަރަދުކުރަނީ ޕްރޮޖެކްޓް ހަވާލުކުރި ޗައިނާގެ ކުންފުނިންނެވެ.

ދިވެހި ސަރުކާރުން ފައިސާ ދައްކަންޖެހޭނީ 12 އަހަރަށް ބަހާލައިގެންނެވެ. ޕަވަރ ޕްލާންޓުން ލިބޭ އާމްދަނީން 12 އަހަރަށް ބަހާލައިގެން އެއްވެސް އުނދަގޫކަމެއްނެތި ފައިސާ ދެއްކޭނެ ކަމަށް ފެނަކަ އެމްޑީ މުޢާޒް ވިދާޅުވިއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ދޮޅު އަހަރު ދުވަހުން ނިންމާ ގޮތަށެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top