ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދު ކުރައްވާ ކަން ކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނަ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ޔަގީންވެގެން ދިޔައީ ރައީސްް މުޢިއްޒަށް ރައްޔިތުންގެ އިތުބާރާއި ލޯބި އޮތްކަން ކަމަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާކަން ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ކަންކަން ބަލައިގެންފިކަން ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
“ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެގެން ދިޔައީ ރައްޔިތުން 5 އަހަރު ދުވަހަށް ވެރިއަކު ހޮވާ ޒިއްމާތަކެއް ޙަވާލުކުރެވިފައިވަނިކޮށް ޙީލަތްތެރި ރޭވުންތަކުގެ ތެރެއިން ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން، ރައްޔިތުން މި ޤައުމުގައި ހަމަޖެހުމާއި އަމާންކަން ދެމިއޮންނަން ބޭނުންވާކަން” ހީނާ ވަލީދު
ހީނާ ވިދާޅުވީ ދޮގު ދޮލަނގުތަކަށް އެކި ބާވަތްތައް އަޅައިގެން ވިއްކަން ނުކުތަސް، އެކި ދިމަދިމާލުން ނުކުމެ ރައީސްގެ އަބުރު ކަތިލާ އެއްވެސް އަމާޒެއް ސިޔާސަތެއްނެތި އެންޓި ކެމްޕެއިނެއް ކުރިއަސް، އިދިކޮޅު އެންމެ ބައިވެރިވެގެން އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަން އެކި ރިޕޯޓް ނެރުނަސް، އެކި ދިމަދިމާލަށް މަންދޫބުން ފޮނުވައިގެން އެކިކަހަލަ އުކުޅުތައް ބޭނުންކުރިޔަސް، ރައްޔިތުން ދޮގާ މަކަރާ ޙީލަތް ރައްޔިތުން ބަލައިނުގަންނަކަން އެނގިގެން ހިނގައްޖެ ކަމަށެވެ.
ރައްޔިތުންނަށް ހަޤީޤަތް ވަރަށް ސާފުވެފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ރަނުން ރަނަށް ރައީސް މުޢިއްޒު ފުއްދަވައިދެއްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
އިއްޔެގެ އިންތިޚާބުން ސަރުކާރު ހިންގާ ޕާޓީ އިން ވަނީ ސުޕަރ މެޖޯރިޓީ ހޯދައިފައެވެ. އިދިކޮޅު ޕާޓީ އެމްޑީޕީ އަށް 10 ގޮނޑި ލިބުން އިރު އިދިކޮޅު ޢަދާލަަތު، ޑިމޮކްރެޓްސް އަދި ޕީއެންއެފް އަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައެއް ނުވެއެވެ.






