20ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވުން މެއި މަހުގެ 28 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، އައު މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މަޖިލީހުން ކުރިއަށްގެންދާކަމަށެވެ.
އަސްލަމް ވިދާޅުވީ، މިހާރު ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ އަންނަ މަހުގެ 15 ގައި ކަމަށާއި، މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
މޭ މަހުގެ 28 ވަނަ ދުވަހު މެމްބަރުން ހުވާކުރެއްވުމާއި އެކު، މަޖިލީހުގެ 20 ވަނަ ދައުރު ފެށިގެން ދާއިރު، މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ސުޕަ މެޖޯރިޓީ ވަނީ ލިބިފައެވެ. މިގޮތުން އެޕާޓީއަށް މަޖިލީހުގެ 71 ގޮނޑި ލިބިފައިވާއިރު، ޕާޓީގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 75 ކެންޑިޑޭޓުން މަޖިލީހުގައި ތިބޭނެއެވެ.






