ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު “މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ދެވަނަ ދައުރު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މޯލްޑީވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ ދެވަނަ ދައުރަށް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު އޮތީ ރޭ އިސްކަންދަރު ކޮށީގައެވެ.
މި ކޮމެޓީއަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް ގެންދާ ކޮމިޓީއެކެވެ.
މިހަފްލާގައި މެޑަމް ސާޖިދާ ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެކަމަނާގެ ވަހަކަފުޅުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށެވެ. އަދި އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމުގައެވެ.
އަދި އަންހެން ފުލުހުންގެ ދައުރު މުހިންމުވާ ކަންކަމުގެމައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައެވެ.
އެހެންކަމުން ފުލުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އަމަންބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އަދި އެ ގޮތުގައި ކުރިޔަށް ދިޔުމަށް އެކަމަނާ ގޮވާލެއްވިއެވެ.
މި ޙަފުލާގައި މެޑަމް ސާޖިދާ ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ' "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތްވެސް އިފުތިތާޙުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައްވައި ޝާޢިއުކޮށްފައިވާ ފޮތެކެވެ.






