ސިވިލް ސާވިސްގެ ވަޒީފާތަކުން މުސްކުޅި ކުރެވޭ ޢުމުރު 75 އަހަރަށް ހައްދަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މަސައްކަތް ތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވެވި ޚާއްސަ ޚިޠާބުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ސިވިލް ސަރވިސް އަދި ޞިއްޙީ ޚިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށްފަހު، މަސައްކަތާ ފެޔަށްޖެހިވަޑައިގެންފައިވާ އެތައް ޚިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު މިސަރުކާރުން ދަނީ ފަހިކޮށްދެމުން ކަމަށެވެ.
“ޢުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، ޢުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަަން، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުޞަތު މިހާރު މިދަނީ ހޯދައިދެމުން” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެ ކަމަށެވެ. އަދި ޤައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހަމަމިއާއި އެކު ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން މިދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށް ކަމަށާއި، މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ޤައުމުގެ އިޤްތިޞާދީ ލޭނާރު ޙިމާޔަތް ކުރުމަށް ކަމަށްވެސް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.






