Close

ލިބޭ ކޮންމެ ޚަބަރަކާއި އެކު ފުންކޮށް ވިސްނައި ހަޤީޤަތް ބެލުމަށް ސަމާލުވާންޖެހޭ: ރައީސް މުޢިއްޒު

މިޒަމާނުގައި ލިބޭ ކޮންމެ ޚަބަރަކާއި އެކު ފުންކޮށް ވިސްނައި އެކަމުގެ ހަޤީޤަތް ބެލުމަށް ސަމާލުވާންޖެހޭ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ބައިނަލް އަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން އެމަނިކުފާނު ދެއްވެވި ޚިޠާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ޚަބަރާއި މަޢުލޫމާތާއި ޝުޢޫރުތައްވެސް މުޅި މުޖުތަމަޢަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުޞަތު މިއަދު އެބައޮތް ކަމަށެވެ.

އަދި މިފަދަ ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މަޢުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ޤައުމީ ޒިންމާއެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހޭ” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެއީ ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

“އަޅުގަނޑުގެ އިލްތިމާސަކީ، ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުން، ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިޔުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ޚިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިޔުން” ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޢިއްޒު ވެރިކަމަށް އިންތިޚާބުވެ ވަޑައިގެން ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ނޫސްވެރިންގެ ގުންޒަރެއް ބާއްވަވައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ނޫސްވެރިންނަށް އުންމީދީ ވާހަކަތަކެއް އިއްވަވައިދެއްވައިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top