ސަޢުދީޢަރަބިއްޔާގެ އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު ނިޔާވުމާއި ގުޅިގެން ސަޢުދީޢަރަބިއްޔާގެ ސަރުކާރަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ޑރ.މުޢިއްޒު ވަނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނާއި ވަލީޢަހުދުއަށް ވަކިވަކިން ތަޢުޒިޔާގެ މެސެޖުތަކެއް ފޮނުއްވާފައެވެ.
އަދި މި މެސެޖުތަކުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާ އެކު ކަމަށެވެ.
ރައީސް ޑރ.މުޢިއްޒުގެ ތަޢުޒިޔާ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަކީ، ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު ޅެންވެރިއެއް އަދި އަދަބީ އައިކޮނެއްގެ އިތުރުން، ދީލަތިކަމާއި ޙިކުމަތުގެ ރަމްޒެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ އަންނަން އޮތް ޖީލުތަކުން އަގު ކުރާނެ ޝަޚްސިއްޔަތެއް ކަމަށެވެ.
ރައީސް ޑރ މުޢިއްޒުގެ މެސެޖުތައް ނިންމަވާލަމުން ވިދާޅުވެފައިވަނީ، ހުރިހާ ދިވެހި ރައްޔިތުންވެސް މަރުހޫމުގެ ފުރާނައަށް ރަޙްމަތް ލެއްވުން އެދި ދުޢާކޮށް، މި ހިތާމަވެރި ދަނޑިވަޅުގައި ރަސްގެފާނާއި، ވަލީއަހުދު އަދި ޝާހީ އާއިލާއަށް ކެތްތެރިކަމާއި ހިއްވަރު ދެއްވުމަށް އެދި ދުޢާކުރާކަމަށެވެ.
ސަޢުދީ ޢަރަބިއްޔާގެ އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯދައްވަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުއެވެ.






