ތެލެސީމިޔާ ބަލި ހުންނަ މީހުންގެ ތެރެއިން 10 ފަރާތެއް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާނެ ކަމަށް ސިއްޚީ ވުޒާރާގެ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.
ޙަލީލް ވިދާޅުވީ މިއަހަރުގެ ތެރޭގައި 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ސަރުކާރުން ހަދާނެ ކަމަށެވެ. އެގޮތުން އަހަރުގެ މެދު ތެރޭގައި 5 ކުދިންގެ ބޯންމެރޯ ހެއްދުމަށް ނިންމާފައިވާއިރު، އަހަރުގެ ފަހު ކޮޅުގައިވެސް 5 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ވަޒީރު ޙަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ސަރުކާރުން ހިލޭ، ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރުގައި ތިބި 5 ކުދިންގެ ތެރެއިން 2 ކުދިންގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށެވެ.
ހަމަމިއާއިއެކު، ބޯންމެރޯ ހެދި ދެ ބަލި މީހުންގެ އޮޕެރޭޝަންވެސް ކާމިޔާބުކަމަށާއި، އެމީހުންގެ ޙާލު ވެސް ރަނގަޅު ކަމަށްވެސް ވަޒީރު ޙަލީލް ވިދާޅުވިއެވެ. އަދި ބާކީ ތިބި ތިން ކުދިންގެ އޮޕަރޭޝަންގެ ކަންތައްތައް ވެސް ވަރަަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގައި ތެލެސީމިޔާ ކުދިންގެ ޢަދަދު ގިނައިރު، އެފަދަ ކުދިންނަށް އެކަށީގެންވާ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.






