Close

ރާއްޖޭގެ ފަޅެއްގައި 16 ރަށް ހިއްކުމަށް ބަޔަކާ ހަވާލުކޮށްފި!

ރާއްޖޭގެ ފަޅެއްގައި 16 ރަށް ހިއްކުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިއީ ރާއްޖޭގެ ފަޅެއްގައި 16 ރަށް ހިއްކުމުގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މިމަސައްކަތް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) އިން ހަވާޅުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

އެމް.އެފް.އެމް.ސީ އިން ނެރުނު ބަޔާނެއްގައި ވަނީ ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ ކޮންޓްރެކްޓެއްގައި އެކުންފުންޏާއި އެއްކޮށް ސޮއިކުރިކަން ހާމަކޮށްފައެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ކ. އަތޮޅު ގާފަރު ފަޅުގައި، ހިއްކާ 16 ރަށުގެ ތެރެއިން 14 ރަށް ޕްރައިވެޓް ރަށްތަކެއްގެ ގޮތުގައި އަދި 2 ރަށް ލަގްޒަރީ ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ކ.ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިން ހިއްކިގެން ދާނެއެވެ.

އެމް.އެފް.އެމް.ސީ އިން ހާމަކުރެއްވި ގޮތުގައި މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36،503،863.92 (ތިރީސް ހަ މިލިޔަން ފަސް ސަތޭކަ ތިން ހާސް އަށް ސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓު ނުވަދިހަ ދޭއް) ޔޫ.އެސް ޑޮލަރު ޚަރަދު ވާނެއެވެ.

އަދި އެމް.އެފް.އެމްސީ. އިން އަންދާޒާކުރާ ގޮތުގައި، ހިއްކުމުގެ މަސައްކަތަށް 3،747،792 (ތިން މިލިޔަން ހަތް ލައްކަ ސާޅީސް ހަތް ހާސް ހަތް ސަތޭކަ ނުވަދިހަ ދޭއް) ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެއެވެ. އެހެން ކަމުން ކިއުބިކް މީޓަރަކަށް 7.8 (ހަތެއް ޕޮއިންޓު އަށެށް) ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 (ނަވާވީސް މިލިޔަން ދުއިސައްތަ ތިރީސް ދެ ހާސް ހަތްސަތޭކަ ހަތްދިހަ ހަތަރެއް) ޔޫ.އެސް ޑޮލަރު ޚަރަދުވާނެކަމަށް ބެލެވޭ ކަމަށްވެސް އެމް.އެފް.އެމްސީ އިން ވަނީ ހާމަ ކުރައްވާފައެވެ. އެ ކޯޕަރޭޝަނުން ވިދާޅުވިގޮތުގައި މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫޢުތަކަށް ދާ ޚަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެކެވެ.

މި މަޝްރޫޢަށް ދާ ޚަރަދު އެމް.އެފް.އެމް.ސީ އިން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކާ، އާމްދަނީ ހޯދައިގެންނެވެ.

ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް، އެމް.އެފް.އެމްސީ އިން ބުނެއެވެ.

ކ.ގާފަރު ފަޅަކީ ސަރުކާރުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްޤީކުރުމަށް އެމް.އެފް.އެމް.ސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. އެމް.އެފް.އެމް.ސީ އިން ހާމަ ކުރި ގޮތުގައި މި ފަޅު ތަރައްޤީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަރ ޕްލޭން މިހާރު ވަނީ ނިމިފައެވެ.

މިމަޝްރޫޢުގެ ދަށުން ޖުމްލަ 106.91 ހެކްޓަރު (1،069،100 ސްކޮޔަރ މީޓަރު) ގެ ބިން ހިއްކިގެންދާނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top