Close

ތިމާވެށީގެ ދުވަހާއި ގުޅިގެން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަނީ!

ތިމާވެށީގެ ދުވަހާއި ގުޅިގެން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

ދައުލަތުގެ ޓީވީގެ ޕްރޮގްރާމެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވީ، މި ގަސް އިންދުމުގެ ޕްރޮގްރާމް އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށާ، މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސްކަމަށެވެ. އެގޮތުން އިންދަން ނިންމަވާފައިވަނީ، ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި، މޭވާ އަޅާ ގަސްގަހާއި، ހިޔާ ލިބޭ ގަސްތަކުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތަކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މީގެކުރިން ވެސް ރާއްޖޭގައި ގަސްއިންދުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް، އެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ އިންދާ ގަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައި ނުވާތީކަމަށެވެ.

އެހެންކަމުން، މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދުމުގެ އިތުރުން، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ރަށްތަކުގައި ނާސަރީތައް ހަދައި އާންމުނަށް ގަސް ލިބޭ އިންތިޒާމް ހަމަޖައްސާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ތިމާވެށި ޙިމާޔަތްކޮށް ދިވެހި ރާއްޖޭގެ ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ޕްރޮގްރާމެކެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top