ރާއްޖޭގައި އިޤްތިޞާދީ ސަރަހަދެއް ތަރައްޤީ ކުރުމަށް ދުބާއީގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ ދުބާއީގެ އެންމެ ބޮޑު ފްރީޓްރޭޑް ޒޯން ކުންފުނި ކަމަށްވާ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއިއެވެ.
މީރުމާ ގްރޭންޑްގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ދުބާއީގެ އިފްޒާއިން ވަނީ މާލެ ކައިރީ ކ.ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އަދި ފައިނޭންޝަލް ޒޯނެއް ހެދުމުގެ އިތުރުން އުތުރުގެ އިހަވަންދިއްޕޮޅުގައި ސަރުކާރުން ތަރައްޤީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގައި ވެސް ބައިވެރިވެ އެތަން ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ. އަދި އިފްޒާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން މާޓިން ގްރެގާސް ޕެޑެސެންއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފައިވާގޮތުން، މި އެއްބަސްވުމުގެ ދަށުން ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެރަށުގައި ފައިނޭންޝަލް ސެންޓަރެއް ތަރައްޤީކުރުމާއި، މާލެއާއި ހުޅުލެ ދޭތެރޭ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިފްޒާގެ ޚަރަދުގައި ކުރެވޭނެ އެވެ.
އަދި އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ތެރެއިން އިފްޒާގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
އިފްޒާ ކުންފުންޏަކީ ދުބާއީގައި ފްރީޓްރޭޑް ޒޯންގެ ފެސިލީޓީތައް ޤާއިމްކޮށް އެންމެ ފުޅާކޮށް އިންވެސްޓް ކުރަމުން ގެންދާ އެއް ކުންފުންޏެވެ.






