ވަކި ޢަދަދަކަށް ވުރެ މަތިން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނަމަ އެފައިސާ ހޯދިގޮތް ހޯދާ ބަލާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތައި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިޙްސާން މިހެން ވިދާޅުވީ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ރާއްޖެ އިން ބޭރަށް ނަގުދު ފައިސާ ބޭރުކުރުމުގައި ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ޤަވާއިދަށް އިސްލާހު ގެނެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 10،000 ޑޮލަރަށް ވުރެ މަތިން ރާއްޖެ އިން ބޭރަށް ފައިސާ ގެންދާ ނަމަ، އެ ފައިސާ ހޯދި ގޮތެއް ސާބިތުކޮށްދިނުން ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިހުސާން ވިދާޅުވީ، މީގެ ކުރިން 10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދިޔަ ނަމަވެސް، ބައިނަލްއަޤްވާމީ އިދާރާތަކުގައި މިކަމަށް މިންގަނޑުތަކެއް އޮންނަ ކަމަށާއި، އެއީ އެމީހާ ކޮންތާކުން ހޯދި ލާރިއެއްތޯ ބަލަން ޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ ބޭރު މީހަކު ވިޔަސް ދިވެއްސަކު ވިޔަސް ރާއްޖެ އިން ބޭރަށް 10،000 ޑޮލަރަށް ވުރެ ގިނައިން ހިފައިގެންދާ ކަމަށްވާ ނަމަ، ރަނގަޅަށް ޑިކްލައިކޮށް ކޮންތާކުން ކިހިނެއް ހޯދި އެއްޗެއްތޯ ޤާނޫނީ އިމުގެ ތެރެއިން ބަލާނެ ކަމަށެވެ. އަދި އެކަމުގެ ތެރެއިން އެމީހަކު އެދައްކާ ހެކިތަކަކީ ހަމަޖެހޭ ބަލައިގަނެވޭ ހެކިތަކެއްތޯ ވެސް ބަލާނެ ކަމަށެވެ. އަދި އެކަން ރަނގަޅަށް ސާބިތު ނުވަނީސް އެފައިސާ ދޫނުކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަސައްކަތްތެރީންގެ ގޮތުގައި ރާއްޖެ އަށް އެތެރެވާ ބިދޭސީން ހަފުތާއަކު އެއް ފަހަރު ރާއްޖެ އިން ބޭރަށް ދާއިރު ލިބޭ އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ގެންދާއިރު، ބައެއް ބިދޭސީން ލައްކައެއްހާ ޑޮލަރު ގެންދާކަން ވަޒީރު އިހުސާން ފާހަގަކުރެއްވެވިއެވެ.
އަދި މިވާހަކަ ޚުލާސާ ކުރައްވަމުން އިހްސާން ވިދާޅުވީ އަލަށް އެކުލަވާލީ އުސޫލުގެ ދަށުން ދިވެހިންނާއި ބިދޭސީންނަށް ވެސް 10،000 އަށްވުރެ ގިނަ ޑޮލަރު ބޭރަށް ގެންދާނަމަ އެއީ އެމީހަކަށް ކިހިނެއް ލިބުނު ފައިސާއެއްތޯ މީގެ ފަހުން ބުނެދޭން ޖެހޭނެ ކަމަށެވެ.






